
ހާއްސަކޮށް ގަވާއިދުން މޭކަޕްކުރުމާއި، މޭކަޕް ފިލުވާނުލައި ރަނގަޅަށް ސާފުނުކޮށް ގިނައިރު ބެހެއްޓުމަކީ ހަންގަނޑު މުސްކުޅިވުން އަވަސްކޮށްދޭ ކަމެއް ކަމަށް ހަމުގެ ޑޮކްޓަރުން ފާހަގަކުރެއެވެ.
ހަމުގެ ބައެއް ޑޮކްޓަރުން ހާމަކުރާ ގޮތުގައި މޫނުގައި އުނގުޅާ ތަކެތި ރަނގަޅަށް ސާފުނުކޮށް ގިނައިރު ހުރުމުން ހަމުގެ ލޯވަޅުތައް ބެދި، ބިހިނެގުމާއި ހަންގަނޑު ދުޅަވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ހަމުގެ ދަށުގައި އުފެދޭ "ކޮލަޖެން" އާއި "އިލާސްޓިން" އަށް ގެއްލުންވެ، ހަންގަނޑު ދޫވުމާއި ރޫޖެހުން ފަދަ މުސްކުޅިވުމުގެ އަލާމާތްތައް އުމުރަށްވުރެ އަވަހަށް ފެންނަން ފަށައެވެ.
މީގެ އިތުރުން، އެމީހެއްގެ ހަމާ ނުގުޅޭ ފައުންޑޭޝަން ބޭނުންކުރުމަކީވެސް ހަމުގެ މައްސަލަތައް އިތުރަށް ގޯސްވާ ކަމެކެވެ. ބައެއް ފައުންޑޭޝަންތަކުގައި އަވިން ރައްކާތެރިކޮށްދޭ މާއްދާތައް ހުންނަ ކަމަށް ބުނި ނަމަވެސް، ހަމައެކަނި އެ ބޭނުންކުރުމުން އަވިން ލިބޭ ގެއްލުންތަކުން ސަލާމަތް ނުވެވޭނެ ކަމަށް މާހިރުން ބުނެއެވެ. އަދި ރާއްޖެ ފަދަ ހޫނު ގައުމުތަކުގައި ދާހިތްލުމާއެކު ބޯކޮށް މޭކަޕްކުރުމުން ހަންގަނޑު ހަލާކުވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ތަޖުރިބާކާރުން ލަފާދެއެވެ.